ބ. ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ދިނުމަށް މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ނިންމަވައިފި އެވެ.
ބ. ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ދެއްވުމަށް ވިޔަފާރިވެރިޔާ ނިންމެވި ހަބަރާއެކު ”ޖަވިޔަނި“ ޓީމް އިން ވަނީ ސިޔާމްގެ ބަހެއް ލިބޭތޯ މަސައްކަތްކޮށްފަ އެވެ. އެގޮތުން ސިޔާމަށް މެސެޖުކޮށްލުމުން އޭނާ ވިދާޅުވީ މިވަގުތު ހުންނެވީ ދަތުރެއްގެ މަތީގައި ކަމަށެވެ. އަހްމަދު ސިޔާމްް (ސަން ޓްރެވެލް ސިޔާމް) ގެ ކުންފުނީގެ ސީއެސްއާރް ޕޮލިސީގެ ދަށުން ފުދޭވަރަކަށް ގިނަ އަހަރުތަކެއް ވަންދެން ސަން ސިޔާމް ކެއާގެ ނަމުގައި ސީއެސްއާރް މަސައްކަތްތަކެއް ކުރިއަށްގެންދަމުން އާދެ އެވެ. އެ ފަންޑުން މީގެ ކުރިންވެސް ބައެއް ރަށްރަށަށް ބޭސް ފަރުވާ ފޯރުކޮށްދީފައިވެ އެވެ. އަދި އަމިއްލަ ފަރާތްތަކުން އެދުމުން ވަރަށް ގިނަ ރައްޔިތުންނަށް ސިޔާމް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވަ އެވެ.
މިވަގުތުވެސް ސިޔާމް ކެއަރގެ އެހީއަށް އެދި ގިނަ ރަށްރަށުން ހުށަހަޅާފައި ވެއެވެ. އަދި ލިބޭ ފަންޑުން ވީހާވެސް ގިނަ ރައްޔިތުންތަކަކަށް އެހީވުމަށް އެ ފަންޑުގެ ތެރެއިން ސިޔާމް މަސައްކަތްކުރެ އެވެ. އެގޮޮތުން މީގެކުރިން އެ ފަންޑުން ތައުލީމީ ކަންކަމުގައި އެހީ ދިން ނަމަވެސް، ކޮވިޑަށްފަހު ސިއްހީ ދާއިރާގެ ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް އިސްކަންދެ އެވެ.
ސިޔާމް، އޭނާގެ ޖަމިއްޔާ ސަން ސިޔާމް ކެއާ މެދުވެރިކޮށް ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ދިނުމަށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައިވަނީ މިއަދު އެވެ. ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ރާއްޖޭގެ އެހެން ޖަޒީރާތަކަށް ވެސް މިފަދަ އެހީއެއް ސަން ސިޔާމް ކެއާ އިން ފޯރުކޮށްދީފައިވާ ކަމަށެވެ.
”އެއީ އަޅުގަނޑުމެންނަށް މި ފުރުސަތު ވެސް ލިބުނު ގޮތް،“
ކަމަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަތޮޅު ތެރޭގައިވެސް އަދި ރާއްޖެއިން ބޭރުގައިވެސް ބޭސްފަރުވާއަށް ސަން ސިޔާމް ކެއަރ އިން ކަމަދޫ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މި އެހީ ހޯދަން ބޭނުންވާ ރައްޔިތުން، ފޯމާއި ލިޔެކިޔުންތައް ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.