އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި މިހާރު އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ކުރިމަތުވެ ޒުވާބަކަށް ގޮސްފި އެވެ.
މިކަމެއް ހިނގާފާ ވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ރޭޕް ކޭސްއެއްގެ ތުހުމަތު ކުރެވޭ އަލީ ވަހީދު ބައިވެރި ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އެމްޑީޕީގެ ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ލާފަ އެވެ. އެ ފޮޓޯއަތަކާއި ވީޑިއޯތަކުގައި އަލީ ވަހީދުވެސް ފެންނަން ހުރެ އެވެ. އެމްޑީޕީގެ މި ޕޯސްޓް ’ހަސަން ކުރުސީ‘ އެކްސް އެކައުންޓުން ވަނީ ރީޓްވީޓްކޮށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި އެ އެކައުންޓުން ފަހުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުގެ ޗެޓްލޮގްތަކެއް ހާމަކޮށްފަ އެވެ.
ހަސަން ކުރުސީ އާންމު ކުރި ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ މިކަމާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ސުވާލު ކުރައްވާފަ އެވެ. އިބުރޭ ވަނީ ފައްޔާޒާއި ޝާހިދު ޓެގު ކުރައްވާ ޕާޓީގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި އަލީ ފެންނަން ހުރުމުން އޭނާ އެ ދަތުރުގައި ބައިވެރިވީ އެމްޑީޕީ ތަމްސީލު ކުރަންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެނޫން ގޮތަކަށް ނަމަ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އިބުރޭ މި މެސެޖަށް ރައްދު ދެއްވަމުން ޝާހިދު ވަނީ ޕާޓީގެ ރަސްމީ އެކައުންޓުން ޓްވީޓު ކުރަނީ ކާކުތީ އިބުރޭގެ އަރިހުން އައްސަވާފަ އެވެ. އަދި އެ ޓްވީޓުތައް ކުރަނީ އޭނާ ނޫންކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ. އަދި ޝާހިދުގެ މެސެޖުގައި އޭނާ ވަނީ އަލީ ވަހީދު ދިފާއު ކުރުމުގެ ގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
އަޅުގަނޑު މީހުންނާ ބައްދަލު ކުރާ އިރު ބައިވެރި ކުރާނެ މީހުން ޕާޓީ ސެކްރޭޓްރިއޭޓުން ނިންމަވާގޮތަށްތޯ އޮންނަނީ؟ އަލީ ވަހީދު ދާދި ފަހުން އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އަށް ވާދަ ކުރެއްވި ހަނދާނެއް ވޭ އަޅުގަނޑު.
ޝަހިދުގެ އިތުރުން ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ އިބުރޭގެ މެސެޖަށް ރައްދު ދެއްވާފަ އެވެ. ފައްޔާޒް ވިދާޅުވީ މިއީ ޕާޓީގެ ރައީސްގެ އަމިއްލަފުޅު ދަތުރެއް ކަމަށެވެ. އަދި މިއީ ޕާޓީ ދަތުރެއް ނޫންކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.
އިބުރޭ އިތުރަށް ވިދާޅުވީ އޭނާގެ މެސެޖުގައި އަހާފައިވަނީ އަލީ ވަހީދު އެދަތުރުގައި ބައިވެރިވެފައިވަނީ ޕާޓީ ތަމްސީލު ކުރުމަށްތޯ އެވެ. އަދި ފައްޔާޒުގެ މެސެޖުން އެކަން މިހާރު ސާފުވެއްޖެ ކަމަށެވެ.