އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުދޫމީދޫ ގުޅުވާލަދޭ ބްރިޖަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރައްވައިފި އެވެ.
މުއްތަލިބު މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވަނީ އައްޑޫ ބްރިޖް މަޝްރޫއަކީ މިހާރުގެ ވެރިކަމުގައި އެންމެ ބޮޑަށް އިސްކަންދޭ މަޝްރޫއެއް ކަމަށް ސިފަކުރައްވާފަ އެވެ.
މިސްރުގެ ދަ އަރަބް ކޮންޓްރެކްޓަރސް އަށް ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން އާއި ސާވޭ ހަވާލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ބްރިޖްގެ މަސައްކަތް ކޮންޓްރެކްޓަރުން ކުރިއަށް ގެންދަނީ އެއްވެސް ފީއެއް ނުނަގާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ މަޝްރޫއަށް ބޭނުންވާ ފައިސާ ކޮންޓްރެކްޓަރަށް ނުލިބިއްޖެ ނަމަ އެހެން ފަރާތަކާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި ބްރިޖް މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަމުން ދިޔައީ އެއީ ހުރިހާ ގާބިލް ފަރާތްތަކެއްގެ ގޮތުގައި ފާހަގަކޮށްގެން ނެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ލޯނެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މިވަގުތު މިނިސްޓްރީން ކުންފުނިތަކުން ހުށަހަޅާ ފައިނޭންސިން ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، އެއީ ސަރުކާރަށް ބަލައިގަންނަ ޕްރޮޕޯސަލްތަކެއްތޯ ބަލަން އަދި މި ފްރަންޓުން އެ ކުންފުނިތަކާ އެކު މަޝްވަރާތައް ބާއްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިތަދޫ އާއި ހުޅުމާލެ ބްރިޖުގެ އަމަލީ މަސައްކަތްތައް ފެށުމަކީ ރައީސް މުއިއްޒުގެ ’ހަފުތާ 14‘ މަގުޗާޓްގެ ލަނޑުދަނޑިތަކުގައި ހިމަނާފައިވާ ވައުދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާނެ އެވެ.
ބްރިޖުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ސާވޭއަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
އަރަބި ކޮންޓްރެކްޓަރުން ބްރިޖް ޑިޒައިން ކުރުމަށް ބޭނުންވާ ސާވޭގެ ފުރަތަމަ ބުރު ނިންމާލީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.
ހިތަދޫ އާއި ހުޅުމީދޫ ބްރިޖް ތަރައްގީ ކުރުމަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 2018 ވަނަ އަހަރު ދެވަނަ ދައުރަކަށް ކުރިމަތިލެއްވިއިރު ވެވަޑައިގަތް އިންތިހާބީ ވައުދެކެވެ.
ރައްޔިތުންގެ މަޖިލިސް އައްޑޫ ބްރިޖް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ