ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.
މިއަދި ވަނީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ބާއްވާފަ އެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ނިންމުމަށް މަޖިލީހުގެ މި ދައުރު ދަންމާލުމަށްފަހު މިއަދު ވަނީ ފަހު ޖަލްސާ ބާއްވާފަ އެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދައުރު ދަންމާލީ މުހިންމު މަސައްކަތްތަކެއް ނިންމުމަށް ކަމަށާއި މިއަދާ ހަމައަށް އައިއިރު އެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
މަޖިލީހުގެ މި ދައުރުގައި ޖުމުލަ 28 ޖަލްސާ ބާއްވާފައިވާ ކަމަށާއި އަދި މަޖިލީހުގެ ޖަލްސާތަކުގައި 64 ގަޑިއިރު ހޭދަކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލީހުގެ ކޮމިޓީތަކުގެ 142 ބައްދަލުވުން ބާއްވާފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި 15 ބިލެއް ފާސްކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނެވުނު އިސްލާހު، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު، ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނައި އިސްލާހު މަޖިލިސް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ސަރުކާރުން ހުށަހެޅި 16 މައްސަލައާއި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި 9 މައްސަލަ ނިމިފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް



