ރާއްޖެއިން ސައިބާ ކުށްތައް ހުއްޓުވުމުގައި ބޭރުގެ ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި އިލެކްޓްރޯނިކް ހެކި ހޯދުމާއި ގުޅޭގޮތުންނާއި ކޮމްޕިއުޓާ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމާއި ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭ ގޮތުންނާއި ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާއަށް އެކްސެސްވުމާ ގުޅޭ ގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލުކުރުމާއި ގުޅޭ ގޮތުންނާއި ކޮންޓެންޓް ޑޭޓާ އިންޓަސެޕްޓް ކުރުމާ ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލު ކުރުމާ ގުޅޭ އުސޫލުތައް ހިމަނާފައިވެ އެވެ.
މީގެ އިތުރުން ކޮމްޕިއުޓާ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށްޓަކައި 24 ގަޑި އިރު ހިދުމަތް ދެވޭނެ ނެޓްވޯކެއް ގާއިމު ކުރުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެ އެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ޝާއިރު ކުރާ ތާރީހުން ފެށިގެންނެވެ.
ހޮޅުދޫ ދައިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ރައްޔިތުންގެ މަޖިލިސް
