އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ބިން ދޫކޮށްފި އެވެ.
އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ބިން ދޫކޮށްފައިވަނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އަށެވެ.
ގާމެންޓް ފެކްޓަރީ ރާވައި ހިންގާނެ ގޮތާއި، ފެކްޓަރީ ފުރިހަމައަށް އޮޕަރޭޝަނަށް ގެންނަން އެކުލަވާލަންޖެހޭ އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލައި މުޅި މަސައްކަތް ވިލަރެސް ކުރަން ކޮންސަލްޓަންޓެއް ހޯދަން ބީސީސީން ވަނީ މީގެ ކުރިންވެސް އިއުލާންކޮށްފަ އެވެ.
މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުއާއު އެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، ސާމިހް އާދަމެވެ.
މި ފެކްޓްރީ އަޅަން ކަނޑައަޅާފައިވަނީ ހިތަދޫ ސްޓޭޑިއަމް ކުރިމަތީގައި ހިއްކާފައި އޮތް ބިމެއްގަ އެވެ. މިއީ ވޯލްޑް ބޭންކްއިން ފަންޑުކޮށްގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
އައްޑޫއަކީ މީގެ ކުރީގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާމެންޓް ފެކްޓްރީތައް ހިންގާފައިވާ އަތޮޅެކެވެ. އައްޑޫގެ ގަމުގައި ލަންކާގެ އެތައް ކުންފުނިތަކުން ގާމެންޓް ފެކްޓްރީތައް އަހަރުތަކެއް ވަންދެން ހިންގާފައި ވެއެވެ.
