ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ޖުމްލަ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި، އަދި 15 ކުންފުންޏަކުން ޖުމްލަ 2.05 ބިލިއަން ރުފިޔާގެ ސާފު ފައިދާ ރެކޯޑްކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޢާއްމުކުރި މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މުޅި އެސްއޯއީ ސެކްޓަރުގެ ސާފު ފައިދާގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ރިކޯޑު ކުރެވިފައިވާއިރު، 12 ކުންފުންޏަކުން ވަނީ 281 މިލިއަން ރުފިޔާގެ ގެއްލުން ރެކޯޑްކޮށްފަ އެވެ. ޕީސީބީން ފާހަގަކުރާ ގޮތުގައި ގެއްލުން ރިކޯޑުކޮށްފައިވާ ގިނަ ކުންފުނިތަކަކީ ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރާއި އަޅާބަލާއިރު މުޅި ޖުމްލަ އާމްދަނީ 9 އިންސައްތަ ދަށްވެފައިވީނަމަވެސް، ކުންފުނިތަކުގެ ސާފު ފައިދާވަނީ 10 އިންސައްތަ އިތުރުވެފަ އެވެ. ޕީސީބީން ބުނެފައިވާ ގޮތުގައި މިއީ ކުންފުނިތަކުގެ ޚަރަދުތައް ރަނގަޅަށް މެނޭޖްކުރެވި، ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އެވެ.
ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގައިޒޭޝަން (އެސްޓީއޯ) އިން ނެވެ. އެ ކުންފުނިން ވަނީ 4.02 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ. އަދި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 42 އިންސައްތައިގެ ކުރިއެރުމަކާއިއެކު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެވެ.
މި ކުއާޓަރުގައި އެންމެ ބޮޑު ސާފު ފައިދާއެއް ހާސިލްކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލޓޑް (އެމްއޭސީއެލް) އިން ނެވެ. އެމްއޭސީއެލް އަށް ސާފު ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަނެއްކޮޅުން، އެންމެ ބޮޑު ގެއްލުމެއް ރިކޯޑް ކޮށްފައިވަނީ 113 މިލިއަން ރުފިޔާގެ ގެއްލުމަކާއި އެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރ.ޑީ.ސީ) އިން ނެވެ.
ފައިދާގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ. މިދިޔަ އަހަރާ އަޅާބަލާއިރު 190 އިންސައްތައިގެ ކުރިއެރުމަކާއިއެކު، އެޗްޑީސީއަށް ވަނީ 268.49 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. ޕީސީބީން ފާހަގަކުރާ ގޮތުގައި، އެޗްޑީސީގެ 2023 ގެ އޮޑިޓް ފައިނަލްވިއިރު، 2024 ގެ މާލީ އަދަދުތަކަށް އަސަރުކުރާ ބައެއްކަންކަން ހިނގާފައިވާތީ، އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ބަލާއިރު އެޗްޑީސީއަށް ފައިދާވާނެކަމަށް ލަފާކުރެވެ އެވެ. މި ނަތީޖާތަކުން ދައްކުވައިދެނީ ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ އަސަރެވެ.


