ސަރުކާރު ކުންފުނިތަކުގެ އިންޓާނަލް އޮޑިޓާއި ރިސްކް މެނޭޖްމަންޓް ހަރުދަނާކުރަން ޕީސީބީން އަންގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) އެތެރޭގެ އޮޑިޓް ނުވަތަ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމުގެ މަޤްޞަދުގައި، 10 ޑިސެންބަރު 2025 ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާގަ އެވެ.

ޕީސީބީން ވަނީ ކުންފުނިތަކުގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް އަންގާފަ އެވެ. މީގެ އިތުރުން، އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހެދުމަށް ވެސް ވަނީ އަންގާފަ އެވެ. މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައި، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ވެސް ވަނީ އަންގާފަ އެވެ.

މުހިންމު ރިޕޯޓުތައް ހިއްސާކުރުމުގައި އިންޓާނަލް އޮޑިޓްގެ ދައުރު ފުޅާކުރުމަށް ވެސް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް ޕީސީބީ އާއި ހިއްސާކުރަންޖެހޭ ޕްރޮކިއުމަންޓް ރިޕޯޓްތައް، ކުންފުނީގެ އިންޓާނަލް އޮޑިޓަށްވެސް ގަވައިދުން ހިއްސާކުރަން ޖެހެ އެވެ. މީގެ އިތުރުން، ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާއި ގުޅޭ ލިޔެކިޔުންތައް ޕީސީބީ އަށް ހިއްސާކުރާއިރު، އިންޓާނަލް އޮޑިޓަށްވެސް ހިއްސާކުރުން ޖެހެ އެވެ.

ހިންގާ ގަވައިދުތަކަށް ބަދަލު ގެނައުމުގެ ގޮތުން، ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން ’އޮޑިޓް އަދި ރިސްކް ކޮމިޓީ’ގެ ނަމަށް ބަދަލުކުރުމަށް ވެސް ޕީސީބީ އިން ވަނީ އަންގާފަ އެވެ. ނަމަވެސް، ބޮޑެތި ކުންފުނިތަކަށް ހިއްސާދާރުގެ ހުއްދައާއެކު ރިސްކާ ގުޅޭ ވަކި ކޮމިޓީއެއް އެކުލަވާލުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

ކުންފުނިތަކުގެ ކަންކަން އިތުރަށް ރަނގަޅުކުރުމުގެ މެކޭނިޒަމްއެއް ގާއިމުކުރުމަށް ވެސް ޕީސީބީން ވަނީ އަންގާފަ އެވެ. މީގެ ދަށުން، ކުންފުނިތަކުން ޕީސީބީގެ އެންގުންތަކާއި އުސޫލުތަކަށް އަމަލުކުރާ މިންވަރު ދެނެގަތުމަށް، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި، އިސްލާހުކުރަންޖެހޭ ކަންތައްތަކާއި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭ ރިޕޯޓެއް ކުންފުނީގެ އިންޓާނަލް އޮޑިޓުން ބޯޑަށް ނުވަތަ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅަން ޖެހެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ