މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހިންގަމުން ގެންދާ އައިނު ފިހާރަ ހިންގުމުގައި ބޭރު ގައުމެއްގެ ވިޔަފާރިއެއްގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވިޔަފާރިވެރިއަކު ވަނީ އެމްސީޖީއެޗްގެ އައިނު ފިހާރަ ހިންގުން ހަވާލުކޮށްފައިވަނީ ލަންކާ ކުންފުންޏަކާކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން މި ނޫހުން އެމްސީޖީއެޗްގެ ސީއީއޯ ހަލީމްއާ ސުވާލު ކުރުމުން ހަލީމް ވަނީ އެ ފިހާރައިގެ އޯނަޝިޕް އޮތީވެސް އަދި ހިންގުމުގެ ކަންކަން ކުރަނީވެސް އެމްސީޖީއެޗްއިން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ފިހާރަ ހިންގުމުގައި ބޭރު އެއްވެސް ފަރާތެއް ނުހިމެނޭ ކަމަށާއި އާމްދަނީ ބައިކޮށް ބޭރު ބަޔަކަށް ދޭގޮތަށް އެއްވެސް އެއްބަސްވުމެއްވެސް ހަދާފައި ނުވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
އައިނު ފިހާރަ ހިންގުމުގައި ބޭރު ބައެއްގެ ބައިވެރިވުން ނެތްނަމަވެސް ކޮންޓްރެކްޓް އުސޫލުން ޓެކްނިކަލް ބައެއް މުވައްޒަފުން ނަގާފައިވާ ކަމަށާއި އެކަން ކުރީ އަމިއްލަ މުވައްޒަފުން ތަމްރީން ވަންދެންކަމަށް ސީއީއޯ ހަލީމް ވިދާޅުވި އެވެ.
ޖަވިޔަނި ނޫހަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ، ރައްޔިތުންނަށް އައިނު ހެދުމުގެ ޚަރަދު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ހިލޭ އައިނު ހަދައިދިނުމުގެ ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި އާސަންދައިގެ ތެރެއިން އައިނު ހެދުމަށް ކުރިން ލިބެމުން އައި 1،000 ރުފިޔާ، 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެމްސީޖީއެޗްގެ ސީއީއޯ ވިދާޅުވީ، އަތޮޅުތަކުގެ ރައްޔިތުންނަށް އައިނު ހެދުމަށް މާލެއަށް އަންނަން ނުޖެހި، ތިބި ރަށްރަށުން ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ އެމްސީޖީއެޗްގެ އަމާޒެއް ކަމަށެވެ. އެގޮތުން، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިނު ފިހާރަ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ކުރިއަށް އޮތްތާގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުވެފައިވާ އެހެން އަތޮޅުތަކަށް ވެސް އައިނުގެ ޚިދުމަތް ފުޅާކުރަމުން ގެންދާނެ ކަމަށް އަބްދުލްރައްޒާގް ހަލީމް ވިދާޅުވި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް


