ހުޅުމާލޭ ފޭސް ދޭއްގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކެއް ގާއިމުކުރުމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލް އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި ކްލިނިކް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސްގެ ޓަވަރު ހައެއްގަ އެވެ. މިއީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ކްލިނިކްތަކުން އާންމު ހިދުމަތްތަކުގެ އިތުރުން ވެކްސިން ދިނުން ފަދަ ކުޑަކުދިންނަށް ހާއްސަ ހިދުމަތްތައް ވެސް ލިބިގެންދާނެ އެވެ. އަދި ހަމައެހެންމެ، ވެލްނަސް ހިދުމަތްތައް ވެސް މި ތަނުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިމާވާ ސިއްހީ ގިނަ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި ކްލިނިކްތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ކުރިއަށްވުރެ ބޮޑަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ. ހަލީމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު މާލެ ސަރަހައްދުގައި އާބަން ޕްރައިމަރީ ހެލްތު ކެއާގެ ހަ ކްލިނިކެއް ގާއިމުކުރަން ނިންމެވީ ވެސް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަވަސް ސިއްހީ ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ.
އޭގެއިތުރުން ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުންގެ ހިދުމަތްތައް ހޯދުމަށް ފަސޭހަ ވާނެކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، ”ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުން ވެއްޖެ ހާލަތެއްގައި ވެސް މި ކްލިނިކް މެދުވެރިކޮށް އަވަހަށް އެޕޮއިންޓްމަންޓް ވެސް ލިބިގެންދާނެ،“ ކަމަށެވެ.
މާލެ ސަރަހައްދުގައި ޖުމުލަ ހަ އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކް ގާއިމުކުރުމަށް ނިންމާފައިވާއިރު، މީގެ ތެރެއިން މާލޭގައި ހަތަރު ކްލިނިކް އަދި ހުޅުމާލޭގައި ދެ ކްލިނިކް ހިމެނެ އެވެ. މިހާރު މާފަންނުގައި ކްލިނިކެއް ވަނީ މިދިޔަ މަހު ހުޅުވައިފަ އެވެ. އަދި ހެންވޭރުގައި ކްލިނިކެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މި މަސައްކަތްތައް ނިމުމުން މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް ފަހި ދިރިއުޅުން ކޯޕަރޭޝަން



