ރާއްޖެއަށް އެތެރެކުރާ ޕެސްޓިސައިޑްތަކުގައި ވިހަގަދަ، ކެންސަރަށް މަގުފަހިވާ އެއްވެސް ޕެސްޓިސައިޑެއް ނުހިމެނޭނެ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ ދަނޑުވެރި ރަށެއް ކަމަށްވާ ބ. ގޮއިދޫގައި ކެންސަރު ޖެހުނު މީހުންގެ އަދަދު ގިނަވުމާ ގުޅިގެން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގަ އެވެ. ދަނޑުބިން ގިނަ އެ ރަށުގެ ބައެއް ރައްޔިތުން ގަބޫލުކުރާ ގޮތުގައި އާބާދީ މަދު އެ ރަށުގައި އެހާ ގިނައިން ކެންސަރު ބަލި ފެތުރެމުންދަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ އެކި ކަހަލަ ޕެސްޓިސައިޑްތަކުގެ ސަބަބުންނެވެ.
މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނީ، އެ މިނިސްޓްރީ ރާއްޖެ އެތެރެކުރުމަށް ހުއްދަކޮށްފައިވާ ޕެސްޓިސައިޑް ލިސްޓުގައި ވިހަގަދަ، ކެންސަރަށް މަގުފަހިވާ ބާވަތުގެ އެއްވެސް ޕެސްޓިސައިޑެއް ނުހިމެނޭނެ ކަމަށެވެ. އަދި އެ ލިސްޓު އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކާއި އެއްގޮތަށްކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން؛
- ޑަބްލިއު.އެޗް.އޯ ޓޮކްސިޓީ ކިލާސް L A، L B އަދި 11 ގެ ވިހަގަދަ ޕެސްޓިސައިޑްތައް ލިސްޓްގައި ނުހިމެނޭނެ.
- ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް 111 ގައި ހިމެނޭ ޕެސްޓިސައިޑްތައް ވެސް ނުހިމެނެނޭނެ.
- މަސްމަހާމެއްސާއި، ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި އެހެން ދިރުންތަކަށް ވިހަގަދަ އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ޕެސްޓިސައިޑުތައް ވެސް ނުހިމެނޭނެ.
- އޭގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ގިނަ އަދަދެއްގެ ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސް (ނެޗުރަލް އެނެމީސް) ހިމަނާފައިވޭ.
ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުން ކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި ނުރަނގަޅު ގޮތުގައި އެތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ ބޭނުން ކުރާ ފަރާތްތައް ހޭލުންތެރިވުމަށް ޕެސްޓިސައިޑު ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ހިންގާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގައާއި ދަނޑުވެރިން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކުގައިވެސް ރަނގަޅުގޮތުގައި ޕެސްޓިސައިޑް ބޭނުން ކުރުމުގެ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފަށް ޕެސްޓިސައިޑް ބޭނުން ކުރުމަކީ ކުށެއް ކަމަށާއި އެފަދަ ކުއްތަކަށް ގާނޫނުގައި ވަނީ އަދަބު ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި އުފައްދާ މޭވާ އާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ސިއްހަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށް އެތަކެތި ޓެސްޓު ކުރުމަކީ އޮތް އެންމެ ރަނގަޅު ހައްލު ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ. މިފަދަ ތަކެތި ތަހުލީލުކުރުމުގެ ވަސީލަތްތައް ގާއިމްކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން


