މާލޭގައި ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ މުވައްޒަފަކު ހައްޔަރުކޮށް، އޭނާ ވަޒީފާއިން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ އަސަރީވިލާ، އަލީ މަނިކު (43އ) އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގޮތުގައި މާލޭގައި ހުންނަ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީފައިވެ އެވެ. އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާފައި ވެސް ވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، އަލީ މަނިކު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހަކާ ވެސް ކުރިމަތިލައި މާރާމާރީ ހިންގާ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފަ އެވެ. ފުލުހުން ބުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޖިނާއީ މައްސަލައެއް ކަމަށްވާތީ، މުސާރަ ނުހިނގާ ގޮތަށް ވަޒީފާއިން ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މައްސަލައާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަލީ މަނިކުގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.


