ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއިން ޖުމްލަ 252 އުޅަނދު ޓޯކޮށްފި އެވެ.
މި އުޅަނދުތައް ޓޯކޮށްފައިވަނީ ހުޅުމާލެއަކީ ދިރިއުޅުމަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީއާ ގުޅިގެން ފުލުހުން ފަށާފައިވާ ޓޯވ އޮޕަރޭޝަނުގެ ތެރެއިންނެވެ.
މި އޮޕަރޭޝަނަކީ ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، އާއްމު ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާންކަން ކަށަވަރުކޮށްދިނުންކަމަށް ފުލުހުން ބުނެ އެވެ. ޓޯވ ކުރެވުނު 252 އުޅަނދަކީ އެކި ގޮތްގޮތުން މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެވެ.
ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ބައުވެ، ހަލާކުވެފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތަކެވެ. މީގެ އިތުރުން، އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ވެސް މި އޮޕަރޭޝަނުގެ ދަށުން ވަނީ ނަގާފަ އެވެ. މިފަދަ އުޅަނދުތަކުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން އިތުރުވެ، ރައްކާތެރިކަމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ.
ޓޯވކުރެވުނު ހުރިހާ އުޅަނދުތަކެއް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސް، އެކަމަށް ޚާއްސަކުރެވިފައިވާ ސަރަހައްދެއްގައި ބަހައްޓާފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ހުޅުމާލޭގެ މަގުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭނެ މަގުފަހިކޮށްދިނުމާއި، ރައްޔިތުންނަށް އުފާވެރި މާހައުލެއް ބިނާކުރުމަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ދިވެހި ފުލުހުންގެ ޚިދުމަތް



