ލަފާކުރި ވަގުތަށް ވުރެ އަވަހަށް މަސައްކަތް ސްޓެލްކޯއިން ނިންމާ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓުދީފި އެވެ.
މަސައްކަތަށް ކުރުމަށް ސްޓެލްކޯއިން ކަރަންޓު ކެނޑުމަށް ތާވަލުކުރީ މިއަދު ހެނދުނު 06:00 އާއި 10:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ކަރަންޓު ކަނޑާލުމަށް ތާވަލުކުރީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ އިންޖީނުގޭގައި މޭޖަރ މަސައްކަތެއް ކުރުމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ވިދާޅުވީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ކާމިޔާބުކަމާއިއެކު ނިންމާލާފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިވަނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމާއި ހީވާގިކަމުން ކަމަށެވެ.
”އަދި މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން.“ ފަހުވީ ވިދާޅުވިއެވެ.
މީގެ އިތުރުން ފަހުމީ ވިދާޅުވީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓާ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
މާލެ ސަރަހައްދުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ މިފަހުން ދިމާވިއިރު، އެކަން ހައްލު ކުރުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.