ލިވަޕޫލްގެ ޓުއަރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ފުޓުބޯޅައިގެ ގަދަ އެއް ބާރު ކަމަށްވާ، ލިވަޕޫލްގެ ޓުއަރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލުން މިއަދު ވަނީ މިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެގޮތުން، މި ޕާޓްނާޝިޕްގެ ތެރޭގައި ކްލަބުގެ ފިރިހެން ޓީމާއި އަންހެން ޓީމު ޝާމިލްވާނެ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވާނެ އެވެ. ލިވަޕޫލުން ނެރުނު ބަޔާނުގައި އެ ކްލަބުން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އިތުރު ހަރަކާތްތަކާއި ސަގާފަތުގެ މުއްސަނދިކަން ފާހަގަކޮށްފަ އެވެ.

މި ޕާޓްނާޝިޕް ލޯންޗް ކުރުމުގެ ތެރެއިން، ލިވަޕޫލުން ވަނީ ފްލައިޓް ޓިކެޓް ހަރަދު ހިމެނޭހެން، ފަސް ދުވަހުގެ ދަތުރެއް ރާއްޖެއަށް ހަމަޖައްސައި ޕްރޮމޯޝަނެއް ފަށާފަ އެވެ. އަދި މި ޕާޓްނާޝިޕްގެ ދަށުން އެ ކްލަބުގެ ސަޕޯޓަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ލިބޭނެ ކަމަށްވެސް ކަލަބުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ލިވަޕޫލުން މަސައްކަތް ކުރާއިރު، އެ ކްލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުްތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ހިމަނާނެ އެވެ. އެގޮތުން، ލިވަޕޫލްގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު 200 މިލިއަނަށް އަރަ އެވެ. އަދި މިދިޔަ ސީޒަނުގައި އެ ކްލަބަށް ވަނީ 12 ބިލިއަން ވިއުސް ލިބިފަ އެވެ.

ވިޒިޓް މޯލްޑިވްސް އިން ތިމާވެށީ ހިމާޔަތްކޮށް، ސަސްޓެއިނަބަލް ޓުއަރިޒަމަށް އިސްކަން ދޭ ކަމަށް ލިވަޕޫލްގެ ބަޔާނުގައިވެ އެވެ. އެހެންކަމުން، މިފަދަ ކަންކަމުގައިވެސް ކްލަބުގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ލިވަޕޫލްގެ ޗީފް ކޮމާޝަލް އޮފިސާރ ބެން ލެޓީ ވިދާޅުވީ، ވިޒިޓް މޯލްޑިވްސް އާއެކު މި ޕާޓްނާޝިޕް ހެދުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓާ، މުހައްމަދު ޝިއުރީ ވިދާޅުވީ، ލިވަޕޫލް ފަދަ ކްލަބަކާއެކު ޕާޓްނާޝިޕް ހެދުމަކީ ވިޒިޓް މޯލްޑިވްސް އިން ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ވެސް ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސާފަ އެވެ.

ވިޒިޓް މޯލްޑިވްސް ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ