ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެޑްވަރޑް އަޑާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެކަމަނާއަށް ތައުރީފު ކުރައްވައިފި އެވެ.
އެޑްވާޑް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންނަށް ތައުރީފުކުރެއްވީ އިއްޔެ އެކަމަނާގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާގަ އެވެ.
މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ކުޑަކުދިންގެ ތަރައްގީއަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔުނިސެފުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފަ އެވެ.
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުން ފާހަގަކުރައްވައި އަދި އެކަމަނާގެ ހިންގުންތެރިކަމަށް ތައުރީފު ކުރެއްވި އެވެ. މީގެ އިތުރުން ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ވެއެވެ. އިޖުތިމާއީ ހިދުމަތްތަކަށާއި އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ތައުރީފު ކުރެއްވި އެވެ.
މިދިޔަ 2023 ވަނަ އަހަރުގެ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި ”ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން“ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި އެ މުބާރާތުގެ ޑިޖިޓަލް ކޮޕީއެއް މި ބައްދަލުކުރެއްވުމުގެ ތެރެއިން އެކަމަނާއަށް އެރުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްގީއާ ގުޅޭ އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ނެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޔުނިސެފް