ނިމިދިޔަ މާޗް މަހު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ފެބްރުއަރީ މަހާ އަޅާ ބަލާއިރު ދަށަށް ގޮސްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމު މާޗު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި އެ މަހު ހުރީ 791 މިލިއަން ޑޮލަރެވެ. މިއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 5 އިންސައްތައިގެ ދަށްވުމެކެވެ. ރަސްމީ ރިޒާވްގައި ފެބްރުއަރީ މަހު 832.1 މިލިއަން ޑޮލަރު ހުއްޓެވެ.
މާޗު މަހު ރަސްމީ ރިޒާވް ދަށްވި ނަމަވެސް ކުރު މުއްދަތުގައި ކުރަން ޖެހޭ ހަރަދުތަށްވެސް ވަނީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މަދުވެފަ އެވެ. އެގޮތުން ފެބްރުއަރީ މަހު 802.6 މިލިއަން ޑޮލަރު ހަރަދު ކުރި އިރު މާޗް މަހު ހަރަދުކޮށްފައިވަނީ 771.1 މިލިއަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މާޗު މަހު ބޭނުން ކުރެވޭ ރިޒާވް ހުރީ 170.2 މިލިއަން ޑޮލަރުގަ އެވެ. އެއީ ފެބްރުއަރީ މަހުގެ 179 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 9 ވަރަކަށް މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
އެމްއެމްއޭއިން މީގެ ކުރިން ހާމަ ކުރި ގޮތުގައި ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރަނގަޅުވާން ފެށީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ކަރަންސީ ސްވޮޕްގެ ގޮތުގައި 400 މިލިއަން ޑޮލަރު ލިބުމުންނެވެ. މި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި ވަނީ އިންވެސްޓްކޮށްފަ އެވެ.
އެމްއެމްއޭއިން އިތުރަށް ހާމަކުރިގޮތުގައި މި ނިންމުމުގެ ސަބަބުން އެމްއެމްއޭގެ ރިޓާން އޮޕްޓިމައިޒްކުރުމުގެ މަގުސަދު ހާސިލުވުމުގެ އިތުރުން މާލީ ދާއިރާގެ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދީ، މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެ އެވެ.
