ރާއްޖެއިން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 65،000 މެޓްރިކް ޓަނަށް ވުރެ ގިނަ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 65،467 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 33،968 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 31،499 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުންނެވެ.
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަ މަހެވެ. އޮކްޓޫބަރު މަހުގެ ނިޔަލަށް 50،564 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 19،557 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. މިއީ 158 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މި އަހަރު 7،534 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ.


