ސަރުކާރުން އަދިވެސް ހަރަދުކުޑަކުރަން އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމުގައި ވޯލްޑް ބޭންކް އިން ބުނެފި އެވެ.
ވޯލްޑް ބޭންކުން މިއަދު ނެރުނު ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުރާސްތާގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުގެ ޕްލޭން ރަނގަޅު ކަމުގައި ވިޔަސް، ދައުލަތުގެ ޚަރަދުތައް އިތުރަށް ކުޑަކުރުމަށް މަސައްކަތްކުރަން ޖެހެ އެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ފިސްކަލް ރިފޯމް ޕްލޭނެއް ހުށަހެޅި ނަމަވެސް، އެ ޕްލޭން ތަންފީޒުކުރުމުގައި ވަރަށް މަދު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ، ”މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ އެންޑޯސް ކުރުމަކީ ހެޔޮ ފިޔަވަޅެއް ކަމުގައި ވިޔަސް، ޚަރަދުތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. މީގެ ތެރޭގައި އާންމު އިންވެސްޓްމަންޓްތައް މަދުކުރުމާއި، ސަބްސިޑީތައް މަރުޙަލާއަކުން އުވާލުމާއި، ޞިއްޙީ ޚަރަދުތައް ރަނގަޅު ކުރުމާއި، އެސްއޯއީތައް އިޞްލާޙުކުރުން ހިމެނޭ“ ކަމަށެވެ.
މީގެ އިތުރުން، ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވެ، އިމްޕޯޓްގައި މިވަގުތު ހުރީ އެންމެ އެއް މަހާއި ދޮޅު މަސް ދުވަހުގެ ރިޒާވެވެ. 2023 ވަނަ އަހަރު ނިމުނުއިރު 590.5 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 443.9 މިލިއަން ޑޮލަރަށް ދަށްވެފައިވެ އެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާންމު ދަރަނި ޖީޑީޕީގެ 116.5 އިންސައްތައަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީޑީޕީ 110.4 އިންސައްތައަށް އިތުރުވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރި ނަމަވެސް މިހާރު ބާކީ އޮތް 65 މިލިއަން ޑޮލަރަކީ އިތުރުވަމުން އަންނަ މާލީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއްގެ އަދަދެއް ނޫން ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އިޤްތިޞާދީ މާހިރުން ބުނާ ގޮތުގައި، ވޯލްޑް ބޭންކުގެ މި ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ފާހަގަކޮށްދޭ ރިޕޯޓެކެވެ. ޚާއްޞަކޮށް ޚަރަދުތައް ކުޑަކުރުމާއި، ދަރަނި މެނޭޖްކުރުމާއި، ފޮރިން އެކްސްޗޭންޖް ރިޒާވް އިތުރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން މި ރިޕޯޓުން ސާފުކޮށް ދައްކުވައިދޭ ކަމަށް އެ މާހިރުން ފާހަގަކުރެ އެވެ.
ރާއްޖޭގެ އިޤްތިޞާދީ ކަންކަމާ ގުޅޭ ގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ސަރުކާރުން ސީރިއަސްކަމެއް ދީ، އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ކުރިއަށް އށް އޮތް ތަނުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އިތުރަށް ދަށްވެ، އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވޯލްޑް ބޭންކް މިނިސްޓްރީ އޮފް ފިނޭންސް