ތަރައްގީގެ ސްޕޭޝަލް ޕްލޭނިން ނުވަތަ ބިމާއި އިމާރާތް ފަދަ ތަންތަން މަންފާ ލިބޭނެ ގޮތަށް ޕްލޭނިން ހެދުމަށް ބޭރުގެ ބައެއްގެ އެހީތެރިކަން ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މިކަމަށް ބޭނުންވަނީ ސަރުކާރުން އެކުލަވާލާ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންޓަނޭޝަނަލް ކޮންސަލްޓެންޓެކެވެ.
ފިނޭންސުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖެނުއަރީ 6 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި މަސައްކަތަކީ ރާއްޖެ ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަ ޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތުގެ ބައެކެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
ގައުމީ ތަރައްގީގެ ޕްލޭނަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ. މި ޕްލޭނަށް ބޭނުންވާ މަޢުލޫމާތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެއްކުރާނެ އެވެ. އެގޮތުން ވަކިވަކި ރަށްތަކާއި ޤައުމީ ފެންވަރުގެ ނިންމުންތަކާއި ވަކިވަކި ދާއިރާތަކުން ޚާއްސަ ޕްލޭންތައް ހަދާނެ އެވެ. މި ޕްލޭން ތައްޔާރުކުރާނީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށެވެ.
މި ޕްލޭން އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދުމެވެ. އެ ޕްލޭންގެ ދަށުން އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން، އަދި އުމްރާނީ ގޮތުން ރާއްޖެއަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް ރާވާނެ އެވެ. ބޭރުގެ ފަންނީ އެހީތެރިކަން ހޯދުމުގެ ސަބަބުން މި ޕްލޭންގެ ފެންވަރު އިތުރަށް ރަނގަޅުވެ، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ޕްލޭނިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭން



