ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
އެގޮތުން ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މެޓުން މިއަދު ވަނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓް ނެރެފައި ވަނީ، މިއަދު 16:00 އާ ހަމައަށެވެ.
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ މޫސުން ގޮށްވެ ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ، ވ. ރަކީދޫއަށެވެ. އެ ރަށަށް އިއްޔެ ވަނީ، 75.3 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ފ. ނިލަންދޫއަށެވެ. އެ ރަށަށް 35.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އދ. މާމިގިއްޔަށް 27 މިލިމީޓަރުގެ ވާރޭ ވެހުނެވެ.



