މަސައްކަތެއް ކުރުމަށް ބްރިޖްގެ މާލެއިން ހުޅުމާލެއަށްދާ ލޭން މިރޭ ބަންދުކުރަން ނިންމައިފި އެވެ.
ފުލުހުން ބުނެފައިވަނީ، ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބްރިޖްގެ އުތުރު ލޭން ބަންދުކުރުމުން މާލެއިން ހުޅުމާލެއަށް ދިއުމަށް އަދި ހުޅުމާލެއިން މާލެ އައުމަށް ބޭނުންކުރާނީ ބްރިޖްގެ ދެކުނު ލޭނެވެ.

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް މީގެކުރިންވެސް އެކިފަހަރު ކޮށްފައިވެ އެވެ. މިގޮތަށް މަސައްކަތް ކުރާއިރު، އެ މަސައްކަތްކުރާ ލޭނެއް ބަންދު ކުރެ އެވެ. އަދި މިގޮތަށް ބްރިޖްގެ ލޭން ބަންދުކުރާއިރު ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ އެވެ.
ބްރިޖްގެ މެއިންޓެނަންސް މަސައްކަތް ކުރަނީ ބްރިޖް އެޅި ޗައިނާގެ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.


