ރަސްމާލެ ހިއްކުން އެޕްރީލް މަހުގެ ނިޔަލަށް ނިމޭނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ ރޭގައި އަމީނިއްޔާ ސުކޫލުގައި މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ. ރައީސް ވިދާޅުވީ މި މަސައްކަތް އަވަސްކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، މި މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިތުރު ޑްރެޖަރެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ޑްރެޖަރަކީ މިހާރު މަސައްކަތް ކުރަމުންދާ ޑްރެޖަރަށްވުރެ ބޮޑު ޑްރެޖަރެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން، ޑިސެންބަރު މަހުގެ ހަތެއް ނުވަތަ ދިހައެއް ހިސާބުން ފެށިގެން ރަސްމާލޭގެ މަސައްކަތުގެ ސްޕީޑް ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަަސްމާލެ ހިއްކާ ސަރަހައްދު ބައްލަވާލައްވަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު މިނަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިތަން ހިއްކައި ނިމޭއިރު ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބިމަށްވުރެ ދެ ގުނައަށްވުރެވެސް ބޮޑު ބިމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު، ރަސްމާލޭގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް އިންޓަނޭޝަނަލް ޑިޒައިން ކޮންސަލްޓެންޓަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ރޭވިފައިވާއިރު، މިހާރު ނަގާނީ 15,000 ގޯތި ކަމަށް ރައީސް ވިދާޅުވި އެވެ. މި 15,000 ގޯތި ދޫކުރާނެ ގޮތުގެ ތަފްސީލު ދެއްވަމުން ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ކުރާ ބައި ބޮޑުކަން ފާހަގަކުރައްވާފަ އެވެ.

”މި 15000 ގޯތީގެ ތެރެއިން 10000 ގޯއްޗަކީ މާލޭ ރައްވެހިން މާލޭ އުފަން ރައްވެހިން މާލޭގެ ރައްވެހިން، ދަފްތަރުގައި ހުރި ރައްޔިތުން ދެން މާލޭ ގެއެއްގަ ރަޖިސްޓްރީ ވެފަ އޮތަސް މާލޭގެ ރަށްވެހިންގެ ގޮތުގައި މާލޭގެ ރައްވެހިންގެ ގޮތުގައި މި ތިންބައި ހިމެނޭހެން މާލޭގެ ރައްވެހިންނަށް ހާއްސަކުރާ 10،000 ގޯތި، އަނެއް 50 ހުގެ ތެރެއިން 3 ހާސް އަކީ މާލޭގަ އުޅޭތާ 15 އަހަރަށް ވުރެ ގިނަ އަހަރުވީ މާލޭގަ ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހާއްސަ ކުރާ ގޯތި“

ރަސްމާލެ ހިއްކުން ކުރިއަށްދަނީ

ގޯތިތަކުގެ އިތުރުން ރަސްމާލޭގައި 7,500 ފްލެޓު ވެސް ގާއިމްކުރާނެ ކަމަށާއި، އެ ފްލެޓުތައް ދޫކުރުމުގެ އުސޫލު ވެސް މިހާރު ވަނީ އިއުލާނުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ. މި މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށާއި، މި ދައުރު ނިމިގެން ދާއިރު މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ.

ރަސްމާލޭގެ އިތުރުން ސަރުކާރުން ވަނީ މާލެ ސަރަހައްދުގެ އެހެން ފަޅުތައްވެސް ހިއްކުމުގެ މަސައްކަތް ފަށާނެކަން އިއުލާންކޮށްފަ އެވެ. އޭގެތެރޭގައި މިހާރު ކުރިއަށްދާ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ އިތުރުން، ގުޅީފަޅުގެ ފުން ސަރަހައްދާއި، އުތުރު ތިލަފަޅު އަދި ގިރާވަރު ފަޅު ހިއްކުން ހިމެނެ އެވެ. އެގޮތުން ރައީސް ވިދާޅުވީ، އުތުރު ތިލަފަޅުން ހިއްކެން އޮތް ބައި މި އަހަރު ނިމުމުގެ ކުރިން ހިއްކަން ފަށާނެ ކަމަށާއި، އެ މަސައްކަތްވެސް ކުރިއަށް އޮތް ކަމަށެވެ. އެތަނުން ގާތްގަނޑަކަށް 150 ހެކްޓަރުގެ ބިން އުފެދޭނެ ކަމަށާއި، އެ ބިމުންވެސް ގޯއްޗާއި ފްލެޓް ދިނުން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރިޔާސީ ބަޔާން އިއްވަމުން، ގުޅީފަޅުގެ ބާކީ އޮތް ފުންތައް ހިއްކާނެ ކަމުގެ ވަޢުދުވެސް ވެވަޑައިގެންފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ސަރަހައްދުން ހިއްކާ ބިމުންވެސް އިސްކަންދޭނީ މާލެ ރައްޔިތުންނަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމާލެ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ