ބާންސްގެ ދެ ލަނޑާއެކު ނިއުކާސަލް އިން ސިޓީ ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހާވީ ބާންސްގެ ދެ ލަނޑާއެކު ނިއުކާސަލް ޔުނައިޓެޑުން 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައިފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި ބާންސް ވަނީ ލަނޑެއް ޖަހައި ނިއުކާސަލް އަށް ކުރިހޯދަދީފައެވެ. ޖެކޮބް މާފީ ނަގައިދިން ހުރަހެއް، ބްރޫނޯ ގުއިމަރޭސް ބޮލުން ފޮނުވާލިއިރު، ފުރަތަމަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް، ބާންސް ވަނީ ދެވަނަ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ނިއުކާސަލް އަށް ކުރިހޯދަދީފައެވެ.

މި މެޗުގައި ނިއުކާސަލްގެ ނިކް ވޮލްޓެމޭޑް އަށް ވަނީ ރަނގަޅު ތިން ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ތިން ފަހަރުވެސް ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ވަނީ ބޯޅަ ހުއްޓުވާފައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 68 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ކޯނަރަކުން ރުބެން ޑިއާސް ވަނީ ލަނޑު ޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ބާންސް ވަނީ އިތުރު ލަނޑެއް ޖަހައި ނިއުކާސަލް މޮޅުކޮށްދީފައެވެ.

ރޭގެ މެޗުގައި ސިޓީއިން ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާލިން ހާލަންޑަށެވެ. ނަމަވެސް، އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. މިއާއެކު، ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހެދުމަށް ހާލަންޑު ޖެހޭނީ އިތުރަށް އިންތިޒާރުކުރާންށެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 22 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި ޗެލްސީން ވަނީ 23 ޕޮއިންޓު ހޯދާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ