14 އަހަރުގެ އަންހެން ކުއްޖަކު ދެކެ ލޯބިވާ ކަމަށްބުނެ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި އެވެ.
މިއީ ދެކުނުގެ ރަށެއްގައި 2022 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެނަކު ވަނީ ސައިކަލެއްގައި އެ ކުޑަ އަންހެން ކުއްޖާ ގޮވައިގެން ދަމުން، އެ ކުއްޖާގެ އުމުރާ ނުގުޅޭ ގޮތަށް ކުއްޖާއާ ވާހަކަދައްކައި، ކުއްޖާ ދެކެ ލޯބިވާކަމަށް ބުނެ، ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައިފަ އެވެ.
އެ މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ކުރި ނަމަވެސް، ދަށު ކޯޓުން ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.
ދަށު ކޯޓުން އެ މައްސަލަ ސާބިތުނުވީ، ދަޢުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާތީ ކަމަށް ނިންމާފައިވެ އެވެ.
އެހެން ނަމަވެސް، ދަށު ކޯޓުގެ އެ ހުކުމް ދައުލަތުން މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގައި ހައިކޯޓުގައި އިސްތިއުނާފުކުރިއިރު ގިނަ ކަންކަން ފާހަގަކޮށް ދައުލަތުން އެދުނީ މައްސަލަ އަލުން ބަލަން އެންގުމަށެވެ.
މި މައްސަލައިގައި ހައިކޯޓުން މިދިޔަ ހޯމަ ދުވަހު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުން މައްސަލަ ނިންމީ، ސުޕްރީމް ކޯޓުގެ ނިންމުންތަކަކާ ހަވާލާދީ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ދަށު ކޯޓުން އަލުން މައްސަލަ ބެލުމަށް އަމުރުކޮށެވެ.
