ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ފަސް ފަނޑިޔާރެއްގެ މައްސަލަ އެއްފަހަރާ ބަލަމުން ދާއިރު، އޭގެ ތެރޭގައި ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ކަމަށްވާ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލަ ވެސް ހިމެނެ އެވެ.
ފަނޑިޔާރު ނިޔާޒުގެ ފަސް މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާވުމަށް ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރުގެ ނިޔާޒުގެ އިތުރުން ޖޭއެސްސީން ދަނީ ފަނޑިޔާރު މުހައްމަދު ފައިސަލްގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަން ކުރަން ޖޭއެސްސީން ކުރިން ނިންމި ނަމަވެސް އޭނާއާ އެ މަގާމު ރަސްމީކޮށް ހަވާލެއް ނުކުރެ އެވެ.
ޖޭއެސްސީން ދެން ބަލަމުންދަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ. އެ ތިން ފަނޑިޔާރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ތެރޭގައި ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން ދާއިރު، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
