ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީލަންކާގެ ބޯޓަކުން 350 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދުގެ އަމުރުތަކުގައިވާ ގޮތުން، ހައްޔަރުކުރެވުނު މީހުން ވަނީ ބަންދުގެ މަޖިލީހުގައި އެ ކުށަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ގިނަ ބަޔަކު ޝާމިލްވެގެން ކުށްކުރާ ނެޓުވޯކަކުން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭތީ، އެ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ދިވެހި ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ”އަވިޝްކާ ޕުތާ“ ނަމަކަށް ކިޔާ މަސް ބޯޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފާސްކުރިއިރު، 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. މި މައްސަލައާ ގުޅިގެން އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުންނަކީ ކޭ އެން އައި ޕެއިރިސް، (39އ)، ސިންގައްޕުލިގެ ނިމަލް ރަންޖިތު ކިސަންތަ ފެނާންޑޯ، (63އ)، ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، (34އ)، މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ނުވަން ލިވެރަ، (42އ) އަދި ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ ފެނާންޑޯ، (28އ) އެވެ.
މި މަސްބޯޓު އަތުލައިގަތީ މި މަހުގެ 7 ވަނަ ދުވަހު އެވެ. އެ މަސްބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގަ އެވެ.
މި މަސްބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުރަތަމަ ފަހަރަށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ސިފައިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން މި މަހުގެ 9 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާ ހަަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައިއ މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
އަތުލައިގެން ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައިވެެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ރާއްޖެ - ލަންކާ ކްރިމިނަލް ކޯޓު އެމްއެންޑީއެފް މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް ސްރީލަންކާ
