ސްޕެނިޝް ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސެލޯނާއިން 4-2 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ ބަލިކޮށްފިއެވެ.
ސެލްޓަ ވީގޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ލެވަންޑޯސްކީ ވަނީ ބާސެލޯނާއަށް ކުރިހޯދަދީފައެވެ.
ލެވަންޑޯސްކީ ލަނޑު ޖެހިތާ މިނެޓެއް ފަހުން ސާޖިއޯ ކަރެއިރާ ވަނީ ލަނޑު ޖަހައި ސެލްޓައަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، އަނެއްކާވެސް ބާސެލޯނާއަށް ކުރިހޯދަދީފައެވެ.
ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބޯހާ އިގްލީސިއަސް ޖެހި ލަނޑާއެކު ސެލްޓަ އިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަމީން ޔަމާލް ޖެހި ލަނޑާއެކު ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ރަޝްފޯޑް ނެގި ކޯނަރަކުން ލެވަންޑޯސްކީ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
އިތުރު ވަގުތުގައި ސެލްޓަގެ އަސްޕަސް އަށް ކުރި ފައުލަކާ ގުޅިގެން ފްރޭންކީ ޑި ޔޯން އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. މިއާއެކު، އިތުރު ވަގުތުގެ ފަހު ހަތަރު މިނެޓު ބާސެލޯނާއިން ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ބާސެލޯނާއިން ވަނީ ރަޔޯ ވަޔެކާނޯ ކައިރިން ރެއާލް މެޑްރިޑް އެއްވަރު ވުމުގެ ފައިދާ ނަގާފައެވެ. އެއްވަނައިގައި ރެއާލްއަށް 31 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި ބާސެލޯނާއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.
