މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި އީ-ވިސާގެ ހިދުމަތަށް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އެދެވޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މި ޑިޖިޓަލް ނިޒާމަކީ ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ތައާރަފްކުރެވުނު މުހިންމު ހިދުމަތެކެވެ.
އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ނިޒާމު ތާރަފްކުރުމުގެ ކުރިން ވިސާގެ ހިދުމަތް ދީފައިވަނީ ޕްރިންޓްކޮށްފައިވާ ފޯމުތަކެއް މެދުވެރިކޮށެވެ. އަދި އޮންލައިން ޕްލެޓްފޯމަކަށް ބަދަލު ކުރެވުނު ނަމަވެސް، ވިސާ ޖެހުމަށް އެޕޮއިންޓްމަން ހައްދައި އިމިގްރޭޝަނަށް ގޮސް ޕާސްޕޯޓު ހުށަހަޅަން ޖެހުމުގެ ސަބަބުން، މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަކީ އީ-ވިސާ ތައާރަފްކުރުމުގެ މައިގަނޑު އެއް މަގުސަދެވެ.
މިއަދު އިފްތިތާހު ކުރެވުނު އީ-ވިސާ އާއި އެ އިދާރާގެ މޯބައިލް އެޕްލިކޭޝަނަކީ، އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށްފައިވާ ވަރަށް ހާއްސަ ޑިޖިޓަލް ނިޒާމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މި ޑިޖިޓަލް ހިދުމަތްތަކާއެކު މީގެކުރިން ވިސާ ޖެހުމަށް ދިމާވަމުން އައި ދަތިތަކަށް ހައްލު ލިބި، ވިސާ ދޫކުރުމާއެކު އޮންލައިންކޮށް ޑައުންލޯޑުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އިމިގްރޭޝަނުން ބުނީ އީ-ވިސާގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިއު.އާރް ކޯޑެއް ހިމެނިފައިވާނެ ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ ވީޒާ ދޫކުރެވިފައިވާ ބިދޭސީ ފަރާތަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ފަރާތަކަށް ދޫކުރެވިފައިވާ އީ-ވީޒާގެ މަޢުލޫމާތު ފެނިގެންދާނެ ކަމަށެވެ. އަދި މިހާރު ކޮންމެ ތަނެއްގައި ހުރެ ކޮންމެ ވަގުތެއްގައިވެސް ވިސާއަށް އެދި ހުށަހަޅައި، އީ-ވިސާ ލިބިގަތުމުގެ ފުރުޞަތު ތަނަވަސް ވެފައިވާ ކަމަށާއި، ކުރިމަގުގައި އީ-ވީޒާ ބޭނުންކޮށްގެން އެކިއެކި ހިދުމަތްތައް ހޯދުމުގެ މަގުފަހިވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
މި ހިދުމަތްތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބިގެންދާނެއެވެ.
