ގދ. ގައްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ ބޮޑު މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު ޤާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޠިމް އިބްރާހިމްގެ އިތުރުން ގައްދޫ ދާޢިރާގެ ޢިއްޒަތްތެރި މެމްބަރ މުޙައްމަދު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
101.7 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރުގެ 30 އެނދުގެ ހޮސްޕިޓަލެއް ގައްދޫގައި ޤާއިމުކުރެވޭނެ އެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް 600 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި 30 އެނދުގެ އައު ހޮސްޕިޓަލް ޢިމާރާތަކާއި، ސާވިސް ބިލްޑިންގ އަކާއެކު އެކަމަޑޭޝަން ބްލޮކެއް ހިމެނެ އެވެ. ތަފްސީލުކޮށް ބަލާއިރު، ދެ ބުރީގެ ހޮސްޕިޓަލް ޢިމާރާތަކާއި، ސިންގަލް ސްޓޯރީ ސާވިސަސް ބިލްޑިންގގެ އިތުރުން ދެ ބުރީގެ އެކަމަޑޭޝަން ބްލޮކެއް މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭނެ އެވެ.
އައު ހޮސްޕިޓަލް ޢިމާރާތުގައި ޒަމާނީ ފެންވަރުގެ މުހިންމު ޚިދުމަތްތަކެއް ޤާއިމުކުރެވޭނެ އެވެ. އެގޮތުން، އައިސޮލޭޝަން ފެސިލިޓީއާއި ފްލޫ ކްލިނިކްގެ އިތުރުން އެކްސްރޭގެ ޚިދުމަތްތައް ހިމެނިފައިވެ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައއި މި ހޮސްޕިޓަލް ވެގެންދާނީ ގައްދޫގެ ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޒަމާނީ ފެންވަރަކަށް ޤާއިމްކުރެވޭ ޖާގަ ތަނަވަސް ޢިމާރާތަކަށެވެ.
މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
