ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) ގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ކަމަށް ލަންކާގެ ނޫހެއްގައި ބުނެފި އެވެ.
މި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުންނަށް ގުޅުމުން ޖަވާބު ދީފައެއް ނުވެ އެވެ. ނަމަވެސް ބައެއް ނޫސްތަކުން ވަނީ ފުލުހުން އެކަން ކަށަވަރުކޮށްދީފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ.
އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި އެ ބޯޓު ފެނުނެވެ. އަދި ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު، އޭރު ވެސް އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް ސިފައިން ހާމައެއް ނުކުރެ އެވެ.
ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އިއްޔެ އަތުލައިގަތް ބޯޓުން 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ފަދަ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. މީގެ އިތުރުން، އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ނޫހުން ބުނެފައި ވެ އެވެ.
އެ ބޯޓު އެމްއެންޑީއެފުން ހޯދާފައިވަނީ، ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ލަންކާގެ ނޫހުން ރިޕޯޓުކުރެ އެވެ.
މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖެއަށް އަންނަން އުޅޭކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
