ޕީއެންސީގެ ޖަލްސާއިން ރައްޔިތުން ތިބީ ކޮން ލީޑަރަކާއެކުކަން ސާފުވާނެ: އަބްދުއްރަހީމް

Advertisement

އެންމެ ފަސް

Advertisement

އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ޚާއްސަ ޖަލްސާއިން ރައްޔިތުން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ސާފުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޚާއްސަ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދުު ބޭއްވި ހަރަކާތެއްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ރައްޔިތުން ބައިވެރިވާނީ އެ ރައްޔިތުންގެ ތާއީދު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮތުމުން ކަމަށާއި އަދި އެ ރައްޔިތުން ޖަލްސާގައި ބައިވެރިވާނީ ރައީސް މުއިއްޒު މިހާތަނަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރުވެރިވާތީ ކަމަށެވެ.

ޕީއެންސީން ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށާއި އަދި ރައްޔިތުން ޖަލްސާގައި ބައިވެރިވާނީ ގައުމުގެ މިސްރާބުދާގޮތް ރަނގަޅުކަމަށް އެ ރައްޔިތުން ގަބޫލުކުރައްވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”[ރައްޔިތުންނަށް] ޔަގީންކަން އެބައޮތް ޕީއެންސީގެ ސަރުކާރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި އެ ބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން.“

މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއިން ދިވެހި ރައްޔިތުން ތިބިގޮތް ސާފުކޮށް ފެންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރާއްޖެ އޮތީ ކޮން ފިކުރެއްގައިކަން، ކޮން ލީޑަރަކާއި އެކުކަން ވެސް ޕީއެންސީގެ ޖަލްސާއިން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވާނެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ވާހަކަފުޅުތަކުން ރައްޔިތުންނަށް އެތައް އުންމީދުތަކެއް ލިބޭނެ ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ފެށިފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަަކަށް ވަޑައިގަތުމަށް ރައީސް ފެއްޓެވި ދަތުރުފުޅު މިދިޔަ ހަފުތާގައި ނިމިފައިވާ ކަމަށާއި އެ ދަތުރުތައް ނިންމަވާލެއްވިއިރު ހުރިހާ ރަށެއްގައި ކަހަލަގޮތަކަށް ތަރައްގީގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަޏީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. އާޓީފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންސީން މައުލޫމާތުދީފައިވެ އެވެ.

ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ