ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން އަލުން ފެށުމާއި ގުޅިގެން ފަޅުތެރޭ ހުރި އުޅަނދުތައް އެޅުމަށް ވަކި ސަރަހައްދެއް ކަނޑައަޅައިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސި) އިން ބުނެފި އެވެ.
އެޗްޑީސީއިން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމުން، ބިންހިއްކަމުން ގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް 30 އޮކްޓޯބަރު 2025 ގައި އިއުލާނު ކޮށްފައިވާ ކަމަށެވެ. އެ އިއުލާނުގެ ސުންގަޑި ހަމަވަނީ މިއަދަށެވެ.
އުޅަނދުތައް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުތައް:
- ސަފާރީތައް އެޅުމަށް: ކ. ގުޅީފަޅު، ކ. ކުޑަގިރި އަދި ކ. ތިލަފުށި ފަޅުތެރެއިން ޗާޓުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދުތައް
- ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް: ކ. ގުޅީފަޅު އަދި ކ. ތިލަފުށި ފަޅުތެރެއިން ޗާޓުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދުތައް
އެހެންކަމުން، މި ސަރަހައްދުގައިވާ ހުރިހާ އުޅަނދުތައް މި މަހުގެ 6 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފަހު ބިން ހިއްކުމުގެ މަސައްކަތް ނިމެންދެން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ބަދަލު ކުރުމަށްވެސް އެޗްޑިސީއިން ވަނީ އެދިފަ އެވެ.
