ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަޒީފާގެ ދާއިރާއިން ޒުވާނުންނަށް މަޢުލޫމާތު ދިނުމަށް، މިއަދު ފެށި ’ވަރަ‘ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގައި ގިނަ ސްޓޯލްތަކެއް ބަހައްޓައިފި އެވެ.
މި ސްޓޯލްތަކުގައި ކެރިއަރ ގައިޑެންސް ދިނުމުގެ އިތުރުން، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ގިވްއަވޭތަކެއްވެސް ވަނީ ހިމަނާފަ އެވެ.
މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުވާލެވިފައިވާ މި އެކްސްޕޯ އިންތިޒާމުކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތައް ތަމްސީލުކުރާ ގޮތަށް ޖުމްލަ 9 ސްޓޯލެއް މި އެކްސްޕޯގައި ވަނީ ބަހައްޓާފަ އެވެ. މި ސްޓޯލްތަކުގެ މައިގަނޑު މަޤްސަދަކީ ކެރިއާ ގައިޑެންސް ދިނުމާއި، ޕެނަލް ޑިސްކަޝަންތައް ބޭއްވުމުގެ އިތުރުން، ޒުވާނުންނަށް އަމާޒުކޮށްގެން އެކި ކަހަލަ ގޭމްތައް ހިންގުމެވެ. މި ހަރަކާތްތަކުގެ ތެރެއިން އެޗްޑީސީގެ މަސައްކަތްތަކާއި، ކޯޕަރޭޝަންގެ ތެރެއިން ލިބޭ ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ އެވެ.
އެޗްޑީސީގެ ސްޓޯލްތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން، ފަރުކޮޅުފުށި ވެޑިންގ ވެނިއުއެއް އަދި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. އެޗްޑީސީން ވަނީ ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަށް އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތްތަކެއް އަބަދުވެސް ކުރިއަށްގެންދާނެކަން ހާމަކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
