ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު އަލުން ފެށުމަށް ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފަ އެވެ. އެގޮތުން، ބިން ހިއްކުމަށް ދަތިވާ ގޮތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު 06 ވާ ދުވަހުގެ ކުރިން ނެގުމަށް ވަނީ އެދިފަ އެވެ.
އެޗްޑީސީން ފާހަގަކޮށްފައިވާ ޗާޓުގައިވާ ސަރަހައްދުން ނަގާ އުޅަނދުތައް ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅޭ ފަރާތްތަކުގެ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މި މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 3 އާއި، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެ އެވެ.
މަޝްރޫއުތައް އަވަސްކުރުމަށްޓަކައި، މި އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި އިތުރު ތިން ޑްރެޖަރ ގެނައުމަށް އޮގަސްޓް މަހު އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެޗްޑީސީން އޭރު ހާމަކުރި ގޮތުގައި، މި އުޅަނދުތަކުގެ ތެރޭގައި 45,000 ޓަނުގެ ދެ ހޮޕަރ ޑްރެޖަރާއި، 11,000 ޓަނުގެ އެއް ހޮޕަރ ޑްރެޖަރ ހިމެނެ އެވެ. މި އުޅަނދުތައް ބޭނުންކުރަން ފެށުމުން ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން، މި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ދިމާވެދާނެ އިތުރު ގޮންޖެހުންތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނާ ގޮތުގައި، އޮކްޓޯބަރު މަހު ގެނައުމަށް ނިންމާފައިވާ ޑްރެޖަރތަކާއެކު މާލެ ސަރަހައްދުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިިންތައް ހިއްކުން އަވަސްވެގެންދާނެ އެވެ. އަދި ބިން ހިއްކާ ނިމުމާއެކު ގޯތިތައް ކަނޑާ ހަވާލުކުރުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.
