މ.މަޑުއްވަރީގައި މިހާރު ކުރިޔަށްދާ ހިތްފަހި ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލަށް ދިއްގަރުގެ ދެ ޓީމު ކަމަށްވާ ކްލަބް އެލިއެންޒާ އާއި ރާގޮނޑި ރައިޑާސް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބާޒު ސްޕޯޓްސް ކްލަބް އަތުން ބަލިވި ނަމަވެސް، އަލިއެންޒާ އިން ވަނީ އިއްޔެ ހަވީރު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރައިސިން ރޫކީސް ބަލިކޮށްފަ އެވެ. މިއާއެކު، ގުރޫޕު ”ބީ“ ގެ އަލިއެކްންޒާ އާއި ބާޒަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. މިއަދު ބާޒާއި ރައިސިން ބައްދަލުކުރާ މެޗު ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، ފައިދާ ލަނޑުގެ ތަފާތުން އަލިއެންޒާ އަށް ސެމީގެ ޖާގަ ލިބޭނެ އެވެ.
އަލިއެންޒާ އާއި ރައިސިން ރޫކީސް ބައްދަލުކުރި މެޗުގައި އަލިއެންޒާ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފަ އެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހާފަ އެވެ. މި މެޗުގައި އަލިއެންޒާގެ އައްމާރު ބިން އާސިފް ހަތަރު ލަނޑު ޖެހިއިރު، ޝަވާއިޒް މުހައްމަދު ޝިފާޒު ވަނީ ހެޓްރިކް ހަދާފަ އެވެ. މީގެއިތުރުން، އިސްމާއިލް ވާއިލް (އިއްސެ) އާއި މުސާބް ބިން އަހުމަދު ވަނީ ދެ ލަނޑު ޖަހާފަ އެވެ.
ރާގޮނޑި ރައިޑާސް އިން ސެމީގެ ޖާގަ ކަށަވަރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓު ހޯދައިގެނެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ކްލަބް ވިންސެންޒޯ ބަލިކުރިއިރު، ރޭ އެ ޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ރާގޮނޑި ރައިޑާސް އާއި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގައި ރާގޮނޑި ރައިޑާސްގެ ލަނޑުތައް ޖެހީ ހުސައިން ފާރިޝް (ފާއްޓެ) އާއި ނޫހު މައްސޫދު (މަންތޭ) ގެ އިތުރުން އިކްރާމް ހުސައިން އެވެ. ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު ޖެހީ އަލީ އަލްސަން އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެފައިވާ ވިންސެންޒޯ ވަނީ ރޭ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެއްލިކަޅި ބަލިކޮށް، ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފަ އެވެ. މި މެޗުގައި ވިންސެންޒޯގެ އަހުމަދު ހައިޒަމް އަންވަރު ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ އިވާން އަލީ އާއި އީޝަން މުހައްމަދު ޝަރީފް އަދި މުހައްމަދު އިޔާން އަސްވަދެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިންސެންޒޯ އާއި ދަ ގްރާންޑޭ އެވެ. ދެވަނަ މެޗުގައި ބާޒު ނިކުންނާނީ ރައިސިން ރޫކީސް އާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރާނީ ރާގޮނޑި ރައިޑާސް އާއި އެއްލިކަޅި އެވެ.
