ބަޖެޓް 2026: ޖުޑިޝަރީއަށް ބްލޮކް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ބްލޮކް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ދައުލަތުގެ ބަޖެޓުން ޖުޑިޝަރީއަށް ބްލޮކް ގްރާންޓް ދިނުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އަލަށް ޖުޑިޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޖުޑިޝަރީއަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 807,859,628 ރުފިޔާ އެވެ. 

”މި ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެ. މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެއް.“ މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޖުޑިޝަލް ސާވިސްގެ ދާއިރާއިން ކޯޓުގެ ބިނާރީ ތަރައްގީއަށް 19,456,764 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ޖުޑިޝަރީގެ މިނިވަންކަމަށް އެންމެ މުހިންމު އެއް ކަމަކީ މާލީ މިނިވަންކަން ކަމަށެވެ. އަދިި މި ބްލޮކް ގްރާންޓްގެ ގޮތުގައި ދެއްވުމަށް ނިންމަވާފައިވާ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އިންސައްތައެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ގާނޫނީ، ފަންނީ އަދި ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ރައީސް މުއިއްޒު މީގެކުރިން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޖެޓް 2026 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ