ޗައިނާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރާނީ މަޝްވަރާ ނިމި އެއްބަސްވުމަކަށް ދެވުމުން: ފޮރިން މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާ (އެމްއޯޔޫ) ތަކުގެ މައުލޫމާތު ހާމަކުރާނީ ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާކުރެވި އެއްބަސްވުމަކަށް ދެވުމުން ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ (އެމްޑީޕީ) މެންބަރު އަހުމަދު ޝާކިރު، ސޮއިކުރެވުނު ފަހުމުނާމާތަކުގެ ކޮޕީ ހޯދުމަށް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޝާކިރު ސުވާލު ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ސޮއިކުރި 11 ފަހުމުނާމާގެ ކޮޕީ ހޯދުމަށެވެ.

މިނިސްޓަރ ހަލީލް ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ، މި ފަހުމުނާމާތަކާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާ ކުރެވި އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް ނިމުނުހާ އަވަހަށް މިކަމާބެހޭ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާއި ހިއްސާކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި 11 އެމްއޯޔޫއެއްގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުންތަކަކީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީ އަށް އެޅިގެންދާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ. މި މަޝްރޫޢުތަކުގެ ތަފްސީލުތައް ފަހުމުނާމާތަކުގެ މަސައްކަތް ނިމި، ދެ ގައުމުން އެއްބަސްވުމަކަށް އާދެވުމުން ކަމާބެހޭ ފަރާތްތަކަށް ހާމަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ