އިސްދޫ ކަލައިދޫގައި އެއާޕޯޓު އަޅަން ބިން ހިއްކަން ނުޖެހޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅާނަމަ އެކަމަށް ބިން ހިއްކަން ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިސްދޫ ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ގޮތުގައި، އެ އަތޮޅުގައި ގާއިމްކުރާ ދެވަނަ އެއާޕޯޓު އަޅާނީ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުންނެވެ. އަދި މިކަމާ ގުޅިގެން ދަނބިދޫ، އިސްދޫ އަދި ކަލައިދޫ ރައްޔިތުން ދިން ހިޔާލުތަކަށް އިހުތިރާމްކޮށް، އެ ކަންކަން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

”އާންމުކޮށް ރަށްރަށުގައި އެއާޕޯޓު އަޅަން ޖެހެނީ ބިން ހިއްކައިގެން ވަރަށް ބޮޑު ހަރަދެއް ކޮށްގެން. އަޅުގަނޑު ހިތުން މި އިސްދޫ ކަލައިދޫގައި އެއާޕޯޓު އަޅާއިރު މި ހަރަދު ކުރާކަށް ނުއެއް ޖެހޭ،“ ރައީސް ވިދާޅުވި އެވެ.

ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ

ރައީސްގެ ވާހަކަފުޅުގައި އިސްދޫ ކަލައިދޫގައި މިއަހަރާއި އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން މި މަސް ނިމުމުގެ ކުރިން 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވި އެވެ.

”މިހާރުން މިހާރަށް ސިއްހީ ނިޒާމަށް ރަނގަޅު ކޮށްދެން ޖެހޭ ކަންކަން ރަނގަޅުކޮށްދޭނަން. ބޭނުންވާ މުވައްޒަފުން، ޑޮކްޓަރުން ހޯދުން ފަދަ ކަންކަން ހިމެނޭހެން ސިއްހީ ނިޒާމް ރަނގަޅު ކޮށްދޭނަން،“ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިސްދޫ ކަލައިދޫގެ މަގުތަކާއި ނަރުދަމާގެ ނިޒާމު އަދި ކުޅިވަރުގެ ވަސީލަތްތައް ކަމުގައިވާ ވޮލީ ކޯޓު، ހޭންޑްބޯލް ކޯޓު، ދުވާ ޓްރެކް، އިންޑޯ ބެޑްމިންޓަން ކޯޓު އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. ކަލައިދޫ ލ. އިސްދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ