ސަރުކާރުގެ އެކިއެކި އިދާރާތަކުން އެޗްޑީސީ އަށް 4.3 ބިލިއަން ރުފިޔާ އަދި އާންމު ވިޔަފާރިތަކުން އެއް ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ރިޕޯޓެއްގަ އެވެ.
މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ބިމަށް އެޗްޑީސީ އަށް ސަރުކާރުން ދޭންޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އެޗްޑީސީ އަށް ސަރުކާރުން ދޭންޖެހޭ 3.9 ބިލިއަން ރުފިޔާ މީގެތެރޭގައި ހިމެނެ އެވެ.
އިތުރު ތަފްސީލު ދެއްވަމުން ނާޒިމް ވިދާޅުވީ، އެޗްޑީސީގެ 500 އަށްވުރެ ގިނަ ކޮމާޝަލް ކަސްޓަމަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. މީގެ އިތުރުން ވިޔަފާރިތަކާއި ސޯޝަލް ހައުސިންގ އިން ލިބެންޖެހޭ ކުއްޔާއެކު ޖުމްލަ 2.7 ބިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ފާހަގަކުރެއްވި އެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ކޮމިޓީގައި ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ރަނގަޅު ކުރެވިއްޖެނަމަ ނުލިބި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރިކަވަރ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިހާތަނަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުން 223 މިލިއަން ރުފިޔާ ވަނީ ހޯދިފަ އެވެ.
އެޗްޑީސީ އަށް ސަރުކާރުން ދައްކަންޖެހޭ 10 ބިލިއަން ރުފިޔާ އޯވަޑިއުގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފަ އެވެ. މި ފައިސާ ހޯދުމަށް އެޗްޑީސީން ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުންފުނިން މަޢުލޫމާތު ދެއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައްޔިތުންގެ މަޖިލިސް