ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީ ގެ އިންތިހާބާއި ގުޅިގެން ރަށްރަށާއި ސިޓީތަކުގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ މައުލޫމާތު އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ރަށްރަށާއި ސިޓީތަކުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ މައުލޫމާތެވެ. އެ ކޮމިޝަނުން މި މައުލޫމާތު އާންމުކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
މި މައުލޫމާތުދަކުން ދައްކާގޮތުގައި މާލޭ ސިޓީގައި 83،813 މީހުން ރަޖިސްޓާކޮށްފައިވާއިރު އައްޑޫ ސިޓީގައި 35،549 މީހުން ރަޖިސްޓާކޮށްފައިވެ އެވެ. ކުޅުދުއްފުށި ސިޓީގައި 11،110 މީހުންނާއި ތިނަދޫ ސިޓީގައި 10،453 މީހުން ރަޖިސްޓާ ކޮށްފައިވެ އެވެ.
ރަށްރަށުގެ ތެރެއިން ރަޖިސްޓްރީކޮށްފައިވާ އެންމެ ބޮޑު އާބާދީއެއް އޮތީ ޅ. ނައިފަރުގަ އެވެ. އެ ރަށުގައި 5،878 މީހުން ރަޖިސްޓާކޮށްފައިވާއިރު ދެން އެންމެ ގިނަ މީހުން ރަޖިސްޓާ ކޮށްފައިވަނީ ލ. ގަމުގަ އެވެ. އެ ރަށުގައި 5،523 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ރަޖިސްޓާ ކޮށްފައިވަނީ ހިންނަވަރުގަ އެވެ. އެ ރަށުގައި ރަޖިސްޓްރިކޮށްފައިވަނީ 5،092 މީހުންނެވެ.
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ. މި އިންތިހާބަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި މި އިންތިހާބަށް ގާތްގަނޑަކަށް 70 އިން 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026