ކުރިއެކޭ އެއްގޮތަށް ޣައްޒާއަށް ހަމަލާދޭން ފެށުމަށް، ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު ބޮޑުވަޒީރު ބެންޖްމިން ނަތަންޔާހޫއަށް ގޮވާލައިފި އެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބެން ގްވީރް ވަނީ، އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތައްދޭން ފެށުމަށް އޭނާ ބޭނުންވާކަން ހާމަކޮށްފަ އެވެ. އަދި ހަމަލާތައް އަލުން ފަށަންވާނީ ދެވެންއޮތް އެންމެ ވަރުގަދައަށް ކަމަށްވެސް ބުނެފައިވެ އެވެ.
ބެން ގްވީރް މިގޮތަށް އެކްސްގައި ޕޯސްޓްކުރީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް މިއަދު އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވަނީކޮށެވެ.
ބެން ގްވީރްގެ އިތުރުން ޔަހޫދީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުވެސް ވަނީ އަލުން ހަނގުރާމަ ފެށުމަށް ގޮވާލާ މޭރުމަކުން ޕޯސްޓެއްކޮށްފަ އެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު އަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ހިފަހައްޓާ އެއް ބައިވެރިއެކެވެ.
އިޒްރޭލުން މިއަދު ޣައްޒާއަށް ވައިގެމަގުން ދިން ހަމަލާތަކުގައި 2 މީހަކު ޝަހީދުކޮށްލާފައިވާއިރު އެތައް ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރިކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.