ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ބެޗުގެ 20 ޑޮކްޓަރުން ދަސްވެނިވެފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ. އައިޖީއެމްއެޗްއިން ބުނީ މިއީ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ.

އަލަށް ޚިދުމަތަށް ނުކުންނަ ޑޮކްޓަރުންގެ ޓީމުން ވަނީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އާއި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި އަމަލީ ތަޖުރިބާ ހޯދާފަ އެވެ. އައިޖީއެމްއެޗްއިން ބުނި ގޮތުގައި މި ޑޮކްޓަރުންނަކީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން ތައްޔާރަށް ތިބި ބައެކެވެ.
ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގެ ކަރިކިއުލަމަށެވެ. މި ފަސް އަހަރުގެ ކޯހުގެ ކިޔެވުން ރާއްޖޭގައި ފެށުނީ 2019 ވަނަ އަހަރު އެވެ.

އައިޖީއެމްއެޗްއިން ވަނީ މި ޑޮކްޓަރުންގެ ޓީމް ތަމްރީން ކުރުމުގައި އެހީތެރިވި ތަޖުރިބާކާރުންނާއި ސިއްހީ ދާއިރާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ފަޚުރެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.