ވަޒީރުންގެ މާލީ ބަޔާން މަޖިލީހަށް ހުށަހަޅަންޖެހޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް

Advertisement

އެންމެ ފަސް

Advertisement

ވަޒީރުން ކޮންމެ އަހަރަކު މާލީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މެންބަރު މުހައްމަދު އިބްރާހިމް އިސްލާހު ހުށަހެޅުއްވީ ޤާނޫނުއަސާސީގެ 138 ވަނަ މާއްދާއަށެވެ. ޤާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި މި ބަޔާންތައް އޮޑިޓަރ ޖެނެރަލް އާންމުކޮށް ޝާއިއުކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ވަޒީރުން ކޮންމެ އަހަރަކު އެއްފަހަރު އެ ވަޒީރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެ ކަމަށެވެ. މާލީ ބަޔާން ހުށަހަޅަންޖެހޭނީ، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން ނުވަދިހަ ދުވަހުގެ ތެރޭގައި ކަމަށެވެ.

މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފިނަމަ، ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ވަޒީރުން ހުށަހަޅާ މާލީ ބަޔާނަކީ، އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައިކޮށްފައިވާ ބަޔާނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ