2014 ވަނަ އަހަރު ތުލުސްދޫގައި ތޫނުއެއްޗަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލައިގައި މުހައްމަދު ނިޔާޒްގެ މައްޗަށް އިއްވި މަރުގެ ހުކުމް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަަށަައިފި އެވެ.
މުހައްމަދު ނިޔާޒް ވަޅިއަކުން އަލީ ޝިހާމްގެ މެޔަށް ހަމަލާދީފައިވަނީ ޖޯއްޔެއްގައި އޭނާ އޮށްވަ އެވެ. މި މައްސަލައިގައި ނިޔާޒްގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާކޮށްފައިވެ އެވެ. މި މައްސަލައިގެ ޝަރީއަތުގައި ނިޔާޒް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި އަލީ ޝިހާމްގެ ވާރިސުން މަރަށް މަރުހިފުމަށް ބޭނުންވާކަމަށް ބުނުމުން ކްރިމިނަލް ކޯޓުން ވަނީ ނިޔާޒްގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ.
މަރުގެ ހުކުމެއް އިއްވާފައި އޮތުމުން އެ ހުކުމް ކަށަވަރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން 2021 ވަނަ އަހަރު ވަނީ، ކްރިމިނަލް ކޯޓުން ނިޔާޒްގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.
މި މައްސަލަ ނިޔާޒްގެ ފަރާތުން އިސްތިއުނާފު ނުކުރުމުން ދައުލަތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ނިޔާޒްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމްގެ ސައްހަކަން ކަށަވަރުކުރުމަށެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މައްސަލައިގައި ފާހަގަކުރަންހުރި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އަދި މުހައްމަދު ނިޔާޒް ޝަރީއަތުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށާއި، ދައުލަތުން ދެއްކި ވާހަކަތަކަކީ ކަން ހިނގާފައި އޮތްގޮތް ކަމަށެވެ. ނަމަވެސް އޭނާ ޝިހާމްއަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައިނޫން ކަމަށް ބުނެފައިވެ އެވެ.
މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލީ، މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން ބާއްވާނީ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުންތައް ފާހަގަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން, ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު, ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް, ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.