އީގަލްސް އަތުން ގްރީން ސްޓްރީޓްސް އަށް މުހިންމު މޮޅެއް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އިން 3-2 ގެ ނަތީޖާއަކުން ކްލަބް އީގަލްސް ބަލިކޮށް، ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގްރީން ސްޓްރީޓްސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެފައެވެ. އެ ޓީމުން ވަނީ ރޭ އީގަލްސް އަތުން އުނދަގު މޮޅެއް ހޯދައި، ތާވަލުގެ ފަސްވަނަ އަށް ޖެހިލާފައެވެ. މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އީގަލްސް އަށް އަދި މޮޅެއް ލިބިފައެއް ނުވެއެވެ. ތިން މެޗުން އެ ޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް އޮބައިދާ ވަނީ ލަނޑެއް ޖަހައި ގްރީން ސްޓްރީޓްސް އަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ މެދުރޮނގާ ހިސާބުންނެވެ.

ގްރީން ސްޓްރީޓްސް އިން ދެ ލަނޑުގެ ލީޑެއް ނެގިތާ ދެ މިނެޓު ފަހުން ޖަޕާނުގެ މިޑްފީލްޑަރު، ކަޓްސުޔޯޝީ ކިމިޝީމާ ވަނީ ލަނޑެއް ޖަހައި އީގަލްސް އަށް ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން އީގަލްސް އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ޓީމުން ނަތީޖާ އެއްވަރުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައިވަނިކޮށެވެ. އީގަލްސް އަށް ނަތީޖާ އެއްވަރުކޮށްދިނީ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) އެވެ.

އޮބައިދާ ވަނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ގްރީން ސްޓްރީޓްސް މޮޅުކޮށްދީފައެވެ.

ދިވެހި ޕްރިމިއާ ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ