ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 25 ފްލެޓެއްގެ ތަޅުދަނޑިތައް ހަވާލުކުރެވިފައިވާ ކަމަށާއި، ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްއެއްގެ ތަޅުދަނޑިތައް ހަވާލުކުރެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަަރޭޝަނުން (އެފްޑީސީ) ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރަތްކުރި 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތްތަކާ ގުޅިގެން ޖަވިޔަނި އަށް މައުލޫމާތުދެމުން އެފްޑީސީން ބުނީ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެގެ ނިޔަލަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކި މީހުންގެ ތެރެއިން 25 ޔުނިޓެއް ހަވާލުކޮށް، ތަޅުދަނޑި ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. މިހާރު ހަވާލު ކުރަމުން އަންނަނީ އަމާން އުދަރެސް ގެ 14 ވަނަ ޓަވަރުގެ ޔުނިޓުތަކެވެ.
75 މީހަކާއި ޔުނިޓު ހަވާލުކުރުމަށް ޝެޑިއުލް ކޮށްފައިވާކަން ފާހަގަކޮށް އެފްޑީސީން ބުނީ މި މަޝްރޫއުގައި ހިމެނޭ 4000 ހައުސިން ޔުނިޓް އަންނަ ޑިސެންބަރު މަސް ނިމުމުގެ ކުރިން ހަވާލުކުރުމަށް އެ ކޯޕަރޭޝަނުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ބުންޏެވެ.
މި 4000 ހައުސިން ޔުނިޓަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެފްޑީސީން ހުޅުވާލީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. އެފްޑީސީގެ މައުލޫމާތުތައްދައްކާގޮތުން މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސްކޮށްފައިވެ އެވެ.
ފްލެޓްތަކަށް ބަދަލުވުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން އެފްޑީސީން ބުނެފައިވަނީ، ބޮޑެތި ސާމާނު ގެންދިއުމަށް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރެއް ނަގަންޖެހޭނެ ކަމަށެވެ. ނަމަވެސް އަތުން ހިފައިގެން ގެންދެވޭވަރުގެ ކުދި ސާމާނު ގެންދިއުމަށް ވަކި ކިއު ނަންބަރެއް ނަގާކަށް ނުޖެހޭނެ އެވެ.
’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުއްޔަށް ބަލާއިރު، 3 ކޮޓަރީގެ ފްލެޓަކަށް 13,000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 9,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ. މިގޮތުން 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.