2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ / ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ ކުރި ސ. ހިތަދޫ / ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ / ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ / ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލި އެވެ. އަދި ހއ. ދިއްދޫ / ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލި އެވެ.
މި މައްސަލައިގައި ހިމެނޭ އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން ކްރިމިނަލް ކޯޓުން ވަނީ، މ މައްސަލައިގައި ހުށަހަޅާފައިވާ ހެކި ޤަރީނާއިން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކިޤަރީނާ ލިބިފައިނުވާތީ، އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޟީ އަލީ އާދަމްގެ ހުކުމުގައި ބުނެފައިވަނީ، އިބްރާހިމް އާޤިލުއަށް ހަމްދޫން ހަމްޒަތު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިނުމަށްފަހު، އަލީ މިޖުވާދު މާލިކު އިބްރާހިމް ދުއްވަން އިން ސައިކަލުގައި ހަމްދޫން ހަމްޒަތު ގޮވައިގެން އެތަނުން ފިލާފައިވާކަން ދަލާލާތުކޮށްދޭ އެއްވެސް ހެއްކެއް މައްސަލައިގެ ތެރޭގައި ފެންނާން ނެތް ކަމަށެވެ. އެހެންކަމުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަމަލުގައި ފުރިހަމަވާންޖެހޭ 3 ރުކުން މީނާގެ އަމަލުން ޝަރީއަތަށް ސާބިތުނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
އާގިލްގެ މަރާގުޅިގެން ދައުވާކުރި އިބްރާހިމް ވިޝާމްގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤާސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ 2024 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ހިމެނޭ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްސަލައިގައި އަދި ހުކުމް ކޮށްފައެއްނުވެ އެވެ.