ބައްސާމްއަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި

Advertisement

އެންމެ ފަސް

Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އަދި ހިޔާނާތުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް ލޯންޑްރިންގެ ދައުވާ އަދި ހިޔާނާތުގެ ދައުވާ އުފުލާފައިވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަމުން ބުނެފައިވަނީ، އެފްއޭއެމްއަށް ފީފާއިން ދީފައިވާ ފައިސާއަކީ އެފްއޭއެމްގެ ކަންކަމަށް ދީފައިވާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭ ކަމަށެވެ. އެ ފައިސާ ބޭނުންކުރީ ޑޮލަރު މާރުކުރުމަށް ކަމަށް ބައްސާމްގެ ފަރާތުން ބުނިނަމަވެސް އެ އަދަދަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވާކަން ދައުލަތުން ފާހަގަކުރި އެވެ.

ބައްސާމްގެ ވަކީލް މިއަދުގެ އަޑުއެހުމުގައި ބުނެފައިވަނީ، މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނޫންކަމަށާއި އެ ފައިސާގެ އަދަދަކީ އެފްއޭއެމްއިން ބައްސާމްއަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. ބައްސާމްގެ ވަކީލް ވަނީ މި މައްސަލައިގައި ދައުލަތުން ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ އަޑުއެހުންތައް ނިމުނުކަން އިއުލާނުކުރައްވާފަ އެވެ. އަދި މައްސަލައިގައި ހުކުމް ކުރާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރުންވެސް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަމަށްބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއްވެސް ކޮށްފައިވެ އެވެ.

ބައްސާމް އަދިލް ޖަލީލް ކްރިމިނަލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ