ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނުން ގިނަ ބަޔަކަށް ”ބައިއެޅިކަން“ މިހާރު ފަޅާއަރަމުންދާ ކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ފެނަކައިން 2.2 ބިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާ ކަމަށާއި މިއީ ދައުލަތް ލޫޓުވުން ކަމަށެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓަވަމުންދާ މައްސަލަ، ފެނަކަ އަދި ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އޭރު ގެންނެވި ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އަދި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން އަދި މިނިވަން މުއައްސަސާއަކުންވެސް އެކަމަށް އަޅާނުލެއްވި ކަމަށް ވިދާޅުވި އެވެ.
”[ފެނަކަ] އެމްޑީ ސައީދު އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައިއެޅިކަން މިހާރު މިދަނީ ފަޅާއަރަމުން.“ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގުން ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކުގައި މިހާދުވަހު އަޅާނުލާތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
”މި ޤައުމު ސަލާމަތްކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން.“ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އޮޑިޓް އޮފީހުނުް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި އެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ޖުމުލަ 674 އެއްބަސްވުމެއްގެ ދަށުން 2,239,640,958 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. މި އެއްބަސްވުންތަކުގެ ތެރެއިން 439 (65%) އެއްބަސްވުމެއްގެ ދަށުން 1,373,126,496 ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވަނީ، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާން ނުކޮށް އަދި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުންނެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ އިތުރުކަމަކަށް ބަލާއިރު ފެނަކައިގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެކި ރަށްރަށުން އެހެން ރަށްތަކަށް މުދާ އުފުލުމުގައި ދޯނި ފަހަރާއި ލޭންޑިން ކްރާފްޓްތައް ކުއްޔަށް ނެގުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން 191,602,363 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މީގެ ތެރެއިން 344 އެއްބަސްވުމެއްގެ ތެރެއިން ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފާފައިވަނީ މާކެޓް އަގަށް ވުރެ ބޮޑުކޮށްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މާކެޓް އަގުތަކަށްވުރެ ގާތްގަނޑަކަށް 47,546,407 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފެނަކައިން އާ އިންޖީނުގެއާއި އޮފީސް އިމާރާތް އެޅުމުގެ 57 މަޝްރޫއެއްގެ ދަށުން 1,069,248,952 ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 41 ޕްރޮޖެކްޓެއް އޮތީ ނުނިމި އެވެ. މި މަޝްރޫތައް ނިންމުމަށް ގާތްގަނޑަކަށް އިތުރު 241,147,138 ރުފިޔާ ބޭނުންވާނެކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި މަޝްރޫތަކަށް ފެނަކައިން ދޫކޮށްފައިވާ ފައިސާ އާއި މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ފެނަކައިން މާކެޓް އަގަށްވުރެ ގާތްގަނޑަކަށް 767,321,215 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަންވެސް ވަނީ ހާމަވެފަ އެވެ.